ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސްގެ ދެކަނބަލުން އިސްލާމްއާބާދުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އިސްލާމްއާބާދުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސްގެ ދެކަނބަލުން ހައިކޮމިޝަނަށް ވަޑައިގަތުމުން، އެ ދެކަނބަލުންނަށް އެތަނުން ވަނީ މަރުޙަބާ ދަންނަވާފައެވެ.
އެގޮތުން ރައީސްގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްއުސްތާޛު މުޙައްމަދު ޠާހާއެވެ.
މި ޒިޔާރަތުގައި ރައީސްގެ ދެކަނބަލުން ވަނީ ހައިކޮމިޝަން ބައްލަވާލައްވައި، އެ އިދާރާގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.
މީގެއިތުރުން، ހައިކޮމިޝަނަށް ކުރެއްވި މި ޒިޔާރަތުގެ ތެރެއިން އެމަނިކުފާނުގެ ދެކަނބަލުން ވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުންވެސް ހައިކޮމިޝަނަށް ކުރެއްވި މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
Discussion 0
Moderated