ޑިޖިޓަލް ވަސީލަތްތަކާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ މާލީ ކުށްތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެ، ރާއްޖޭގައި ހިންގި ސްކޭމްތަކުގައި އާންމުންނަށް ގެއްލުނު ފައިސާގެ ތެރެއިން 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިދީފިއެވެ.

ދުނިޔޭގެ 30 ގައުމަކުން ބައިވެރިވި މި އޮޕަރޭޝަނުގެ ތެރެއިން ރާއްޖެއިން ވަނީ 1،000 އަށް ވުރެ ގިނަ ބޭންކު އެކައުންޓް ފްރީޒްކޮށްފައެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިނިސްޓްރީ އޮފް އިންޓީރިއާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވެފައިވަނީ މިއަހަރުގެ ޖުލައި 1 އިން ސެޕްޓެމްބަރު 30 ގެ ނިޔަލަށެވެ. މި ތިން މަސްދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް ސްކޭމްގެ ޖުމްލަ 544 މައްސަލައެއް ހުށަހެޅިފައިވާއިރު، އެ މައްސަލަތަކުގައި އާންމުންނަށް ޖުމްލަ 5،256،101.97 ރުފިޔާގެ މާލީ ގެއްލުން ލިބިފައިވާ ކަމަށް ވަނީ ރެކޯޑްކުރެވިފައެވެ.

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އެޅި ހަލުވި ފިޔަވަޅުތަކާއި ކަމާގުޅުންހުރި މާލީ އިދާރާތަކާ ގުޅިގެން ކުރި މަސައްކަތުން، ގެއްލުނު ފައިސާގެ ތެރެއިން 3،104،075.38 ރުފިޔާ ވަނީ އަނބުރާ ހޯދައިދެވިފައެވެ. މިއީ ގެއްލުނު ކަމަށް ރިޕޯޓްކުރި ފައިސާގެ ގާތްގަނޑަކަށް 59.1 އިންސައްތައެވެ. މި ނަތީޖާ ހާސިލުކުރެވުނީ މާލީ މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ފައިސާ ދައުރުކުރުމުގެ ކުރިން، އެ ފައިސާ ހިފެހެއްޓުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމުންނެވެ.

Ad
ooredoo

މި އޮޕަރޭޝަންގެ މުއްދަތުގައި ފުލުހުން ކުރި މަސައްކަތުން، ސްކޭމްތަކާ ގުޅުންހުރި ކަމަށް ބެލެވޭ 847 މީހަކު ތުހުމަތުކުރެވޭ ފަރާތްތަކުގެ ގޮތުގައި ވަނީ ދެނެގަނެވިފައެވެ. އަދި ތަހުގީގުތަކާ ގުޅިގެން 17 މީހަކު ހައްޔަރުކޮށްފައިވާއިރު، ކުށްކޮށްގެން ހޯދި ފައިސާ އިތުރަށް ދައުރުވިޔަނުދީ ރައްކާތެރިކުރުމަށްޓަކައި، ބޭންކުތަކާ ގުޅިގެން 1،088 ބޭންކު އެކައުންޓެއް ވަނީ ވަގުތީ ގޮތުން ހިފަހައްޓައި ފްރީޒްކޮށްފައެވެ.

ރާއްޖޭގައި ހުށަހެޅުނު މައްސަލަތަކުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްގެ ނަމުގައި ހިންގާފައިވާ ސްކޭމްތަކެވެ. އެގޮތުން އޮންލައިން ޕްލެޓްފޯމްތަކާއި ޕޭޖުތައް މެދުވެރިކޮށް ހިންގި 230 މައްސަލައެއް ހުށަހެޅުނެވެ. ދެވަނައަށް އެންމެ ގިނައީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 107 މައްސަލައެވެ. މީގެއިތުރުން ބުކިން ކެންސަލްކުރުމާއި ފައިސާ އަނބުރާ ހޯދައިދިނުމުގެ ނަމުގައި އޮޅުވާލައިގެން ހިންގި 80 މައްސަލައަކާއި، އެކި އިދާރާތަކާއި މަޝްހޫރު ފަރާތްތަކާއި އާއިލާ ނުވަތަ ރައްޓެހިންގެ ނަމުގައި އޮޅުވާލި 43 މައްސަލައެއް ފާހަގަކުރެވުނެވެ. އަދި ފައިދާ ބޮޑު އިންވެސްޓްމަންޓްތަކެއް ކަމަށް ދައްކައިގެން ހިންގި 32 މައްސަލައާއި، ވެރިފަރާތަށް ނޭނގި ހުއްދައެއް ނެތި މުއާމަލާތް ހިންގުމުގެ 27 މައްސަލައިގެ އިތުރުން ލޯބީގެ ގުޅުންތައް ދައްކައިގެން ފައިސާ ހޯދުމުގެ 8 މައްސަލައެއް ވެސް ވަނީ ރެކޯޑްކޮށްފައެވެ.

ބައިނަލްއަގުވާމީ ގޮތުން ކުރިއަށްގެންދިޔަ މި ބޮޑު އޮޕަރޭޝަނުގައި އިންޓަޕޯލްއާއި ގްލޯބަލް އެންޓި-ސްކޭމް އެލަޔަންސް (ގާސާ) ގެ އިތުރުން ޓެކްނޮލޮޖީއާއި މާލީ ދާއިރާގެ އަމިއްލަ 13 ކުންފުންޏަކާއި 30 ގައުމެއްގެ ތަންފީޒީ އިދާރާތަކުން ބައިވެރިވިއެވެ. މައިގަނޑު އަމާޒަކަށްވީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހިންގާ އޮޅުވާލުންތަކާއި، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ހިންގާ މާލީ މަކަރާއި ހީލަތް އަދި އޮންލައިންކޮށް ބިރުދައްކައިގެން ފައިސާ ހޯދުން ހުއްޓުވުމެވެ.

މި އޮޕަރޭޝަނުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގައި އިންޓަނެޓް މެދުވެރިކޮށް މަކަރާއި ހީލަތް ހަދަން ކުރި 123.71 މިލިއަނަށް ވުރެ ގިނަ މަސައްކަތް ވަނީ ހުއްޓުވާފައެވެ. އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ޝައްކުކުރެވޭ 39 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާއާއި ޑިޖިޓަލް އެސެޓް ދެނެގަނެވިފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 960 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެއިތުރުން 4،126 ބޭންކު އެކައުންޓަކާއި ސޯޝަލް މީޑިއާގެ 570 އަށް ވުރެ ގިނަ އެކައުންޓް ބަންދުކޮށް، ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 29 ސްކޭމް ސެންޓަރެއް ވަނީ ރެއިޑްކޮށްފައެވެ. މި ނަތީޖާތައް ރަސްމީކޮށް ހާމަކޮށްފައިވަނީ އޮސްޓްރިއާގެ ވިއެނާގައި ބޭއްވުނު އދ. ގެ ޓްރާންސްނެޝަނަލް އޯގަނައިޒްޑް ކްރައިމާ ބެހޭ މުއާހަދާގެ 13 ވަނަ ކޮންފަރެންސްގެ ހަވާސާގައެވެ.

ސްކޭމްތައް ހުއްޓުވުމަށް ކުރެވޭ ތަހުގީގީ އަދި ތަންފީޒީ މަސައްކަތްތަކުގެ އިތުރުން، އާންމުން ހޭލުންތެރިކުރުވުމަށް އެންޓި-ސްކޭމް ސެންޓަރުން ޚާއްސަ އިސްކަމެއް ދީފައިވެއެވެ. އެގޮތުން މި އޮޕަރޭޝަން ކުރިއަށްދިޔަ މުއްދަތުގެ ތެރޭގައި ޓީވީ ޕްރޮގްރާމްތައް ހިމެނޭހެން ހޭލުންތެރިކުރުމުގެ 34 ހަރަކާތެއް އެ ސެންޓަރުން ވަނީ ހިންގާފައެވެ.