މުސްލިމުންގެ އެންމެ މުގައްދަސް ބިން ކަމަށްވާ މައްކާއަށް އަމާޒުކޮށް ހޫތީ ޖަމާއަތުން ދޭން އުޅުނު ޑްރޯން ހަމަލާ އިސްލާމީ ދުނިޔެއާއި އެކި ޖަމްއިއްޔާތަކުން ކުށްވެރިކޮށްފިއެވެ.

މައްކާގެ މުގައްދަސް ސަރަހައްދުގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ސައޫދީގެ ރޯޔަލް އެއާ ޑިފެންސް ފޯސަސްއިން ވަނީ އެ އުޅަނދު ދެނެގަނެ، މައްކާގެ ދެކުނުން އެ ޑްރޯން ވައްޓާލާފައެވެ.

މި ހަމަލާއާ ގުޅިގެން އިސްލާމީ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ވަނީ ބޮޑު ނުރުހުމެއް ފާޅުކޮށްފައެވެ.

މިހަމަލާ ކުއްވެރިކުރަށްވާ ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެފައި ވަނީ، އިސްލާމްދީނުގެ އެންމެ މާތް ބިމުގެ އަމާންކަމާއި ޙުރުމަތަށް ނުރައްކާވާ ފަދަ ކޮންމެ ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތަށް ކުރިމަތިކުރެވޭ ފުރައްސާރައެއް ކަމަށެވެ.

Ad
ooredoo

މައްކާއަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާ ކުށްވެރިކުރައްވައި އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ނަބީލް ފަހުމީ ވަނީ އިސްލާމީ މުގައްދަސް ބިންތަކުގެ ހުރުމަތް ކެނޑުމަކީ އާންމުންނާއި ހައްޖާޖީން ސަލާމަތަށް ނުރައްކާވާ އަދި މުޅި ދުނިޔޭގެ މުސްލިމުންގެ އިހުސާސްތަކަށް ގޮންޖެހުން ކަމަށް ވިދާޅުވެފައެވެ. ސައޫދީގެ އާންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހޫތީން ދެމުންދާ ހަމަލާތަކަކީ ސަރަހައްދީ ހަމަޖެހުމަށް ހުރަސްއެޅޭ ކަމެއްކަން ފާހަގަކުރައްވައި، އެކަން ހުއްޓުވައި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ގަރާރު 2216 އަށް ހުރުމަތްތެރިކޮށް ހިތުމަށް އޭނާ ގޮވާލެއްވިއެވެ. އަދި ސައޫދީގެ ސަރަހައްދާއި މުގައްދަސް ބިންތައް ދިފާއުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އަރަބި ލީގުގެ ފުރިހަމަ ތާއީދު އޮތްކަން އޭނާ ހާމަކުރެއްވިއެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް އަލްބުދައިވީ ވިދާޅުވީ، މައްކާއަށް އަމާޒުކޮށް ހޫތީން ދިން މި ހަމަލާއަކީ ހުރިހާ ރަތް ރޮނގެއް ހުރަސްކޮށް، ދުނިޔޭގެ އެންމެ މުގައްދަސް ބިމުގެ ހުރުމަތް ކަނޑާލުން ކަމަށެވެ. މައްކާއަށް ދޭ މިފަދަ ހަމަލާތަކަކީ ހަމައެކަނި ސައޫދީ އަރަބިއްޔާއަށް ދެވޭ ހަމަލާއެއް ނޫން ކަމަށާއި، މިއީ މުޅި ދުނިޔޭގެ މުސްލިމުންގެ އިހުސާސްތަކަށް ދެވޭ ނުރައްކާތެރި ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޖީސީސީގެ ގައުމުތައް ސައޫދީއާއެކު ސާބިތުވެ ތިބިކަމަށާއި، ސައޫދީގެ ސަލާމަތަކީ މުޅި ސަރަހައްދުގެ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

57 މުސްލިމް ގައުމު އެކުލެވޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބުނީ މި ހަމަލާއަކީ އާންމުންގެ ފުރާނައަށް ނުރައްކާކޮށް، މިސްކިތްތަކާއި މުގައްދަސް ތަންތަނުގެ ހުރުމަތް ކަނޑާލުން ކަމަށެވެ. މީގެއިތުރުން މުސްލިމް ވޯލްޑް ލީގު (އެމްޑަބްލިއުއެލް) ގެ ސެކްރެޓަރީ ޖެނެރަލް ޝޭޚް މުހައްމަދު އަލްޢީސާ ވަނީ، އިސްލާމީ ގައުމުތަކުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން ހޫތީންގެ މި އަމަލުތައް ވަރުގަދައަށް ކުށްވެރިކުރުމަށް ގޮވާލައްވާފައެވެ. މުގައްދަސް ބިންތަކާއި މުސްލިމުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ހޫތީން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އެމްޑަބްލިއުއެލްއިން ވަނީ އެދިފައެވެ.

ގަތަރުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި، މައްކާއަށް އަމާޒުކޮށް ހޫތީން ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއީ އިންސާނީ އަދި ދީނީ ހުރިހާ މިންގަނޑުތަކާ ހިލާފު، އެކެއް ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ އިހުސާސްތަކާ ކުޅުން ކަމަށް ބުނެފައިވެއެވެ. މުގައްދަސް ތަންތަނާއި ހައްޖާޖީންގެ ސަލާމަތްތެރިކަން ސިޔާސީ ނުވަތަ ހަނގުރާމަވެރި ނުކިއުންތަކުގެ ތެރެއަށް ވަައްދައިގެން ނުވާނެ ކަމަށް ގަތަރާ ބުނެފައިވެއެވެ. އަދި ސައޫދީގެ މިނިވަންކަމާއި މުގައްދަސް ތަންތަން ރައްކާތެރިކުރުމަށް އެ ގައުމުން އަޅާ ފިޔަވަޅުތަކަށް ގަތަރުގެ ފުރިހަމަ އެއްބާރުލުން އޮތްކަން ހާމަކުރިއެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ވާހަކަދައްކަވަމުން ޕާކިސްތާނުން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ސަފީރު އާސިމް އިފްތިހާރު އަހުމަދު ވަނީ، ސައޫދީ އަރަބިއްޔާގެ ސަރަހައްދީ ނަޒާހަތްތެރިކަމާއި ސަލާމަތް ދިފާއުކުރުމަށް ސައޫދީއަށް ލިބިގެންވާ ހައްގަށް ޕާކިސްތާނުގެ ފުރިހަމަ ތާއީދު އޮތްކަން ތަކުރާރުކުރައްވާފައެވެ. ހޫތީންގެ ހަމަލާތަކުގެ ސަބަބުން ސައޫދީގެ ސަލާމަތުގެ އިތުރުން ސަރަހައްދީ ހަމަޖެހުމަށާއި ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރަށް ނުރައްކާވާކަމަށް އޭނާ އިންޒާރު ދެއްވިއެވެ. މީގެއިތުރުން ބަހްރޭނުންވެސް ވަނީ ހޫތީންގެ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.