"މުދަލަކީ މާތް ﷲގެ ޙައްޤެކެވެ" މި މަޢުޟޫޢަށް އިއްވި ޚުޠުބާގައި ވަނީ، މުދަލަކީ ހަމައެކަނި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ދެއްވި އެއްޗެއް ނޫން ކަމަށާއި، އެއީ އިންސާނާއަށް ކުރިމަތިކުރައްވާފައިވާ އިމްތިޙާނެއް ކަމަށް ހަނދާންކޮށްދީފައެވެ.

ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މުދަލާއި މުދާވެރިކަމާ ގުޅޭ އިސްލާމީ ތަޞައްވުރު ބިނާވެފައިވަނީ ކާއިނާތުގައިވާ އެންމެހައި ތަކެއްޗަކީ ﷲގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށުގައިވާ ތަކެތި ކަމުގެ ވަރުގަދަ އަސާސުގެ މައްޗަށެވެ. އަދި މީސްތަކުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން ލައްވާފައިވަނީ އިއްތިފާޤަކުން ނޫން ކަމަށާއި، އެއީ ﷲގެ މަތިވެރި ޙިކުމަތްފުޅާއި ތަދުބީރުފުޅުގެ ދަށުން އަޅުތަކުން އިމްތިޙާނު ކުރެއްވުމަށް މިންވަރުކުރައްވާ ކަންކަން ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް އަމިއްލަ ނަފުސާ ކުރަންވީ ސުވާލަކީ ތިމާއަށް އެއްކުރެވުނީ ކިހައި މުދަލެއްތޯ ނޫން ކަމަށާއި، އެ އިމްތިޙާނުން ކާމިޔާބީ ހޯދުނުތޯ ކަމަށް ބުންޏެވެ.

މުދަލުގެ އިމްތިޙާނަކީ ނުރައްކާތެރިކަން ބޮޑު ކަމެއްކަން ފާހަގަކުރަމުން ޚުޠުބާގައި ބުނީ، މުދަލާއި ޝަރަފަށް އޮންނަ ދަހިވެތިކަމުގެ ސަބަބުން އިންސާނާގެ ދީންވެރިކަމަށް ލިބޭ ގެއްލުން މާ ބޮޑު ކަމަށެވެ. އެގޮތުން،

 ބަކަރި އައިނެއްގެ ތެރެއަށް ހައިވެފައިވާ މިނިކާ ދެ ކުއްތާ ދޫކޮށްލުމުން އެ ތަކެއްޗަށް ދޭ ގެއްލުމަށް ވުރެ ވެސް މުދަލަށް ދަހިވެތިވުމުގެ ސަބަބުން ދީންވެރިކަމަށް ލިބޭ ގެއްލުމާއި ފަސާދަ ބޮޑުކަމަށް ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވާކަން ޚުޠުބާގައި އެނގިއެވެ. އަދި މުދަލަށް އޮންނަ ލޯބި އޭގެ އިމުން ބޭރުވެއްޖެ ނަމަ، އެ މީހެއްގެ ދީން ހަލާކުވެ، އަޚުލާޤު ފަސާދަވެ، ﷲއާ އެ މީހަކާ ދެމެދު އޮންނަ ގުޅުން ކެނޑިގެންދާނެ ކަމަށް ވެސް ބުންޏެވެ.

މީގެއިތުރުން، ޤިޔާމަތް ދުވަހުގައި މީސްތަކުން އެއްކުރި މުދަލާ މެދު ސުވާލުވެވޭނެކަން ކަށަވަރު ކަމަށް ޚުޠުބާގައި ބުންޏެވެ. އެ ދުވަހުން އިންސާނާގެ ޢުމުރު ހުސްކޮށްލި ގޮތާއި، ލިބުނު ޢިލްމުގެ ބޭނުން ހިފި ގޮތާއި، މުދާ ހޯދި ގޮތާއި އެ މުދާ ހޭދަކުރި ގޮތް، އަދި ހަށިގަނޑު ފަނާކުރީ ކޮން ކަމެއްގައިތޯ ސުވާލުވެވުމަށް ދާންދެން އާދަމުގެ ދަރިޔާގެ ދެފައިތިލަ އެ ހުރިތަނުން ގުޑުވައި ވެސް ނުލެވޭނެކަން ކީރިތި ރަސޫލާގެ ޙަދީޘްފުޅުން ސާބިތުވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.

Ad
ooredoo

މުދާ ހޯދަންވާނީ ﷲ ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި އިންތަކުގެ ތެރެއިން ޙަލާލު މަގުން ކަމަށް ފާހަގަކޮށް، ޚުޠުބާގައި ބުނީ ޙަރާމް ގޮތުގައި މުދާ ހޯދުމުގެ އެއްވެސް ޙައްޤެއް ނޯންނާނެ ކަމަށެވެ. އަދި ޙަރާމް ތަކެތި ކައިގެން ހެދިބޮޑުވާ ކޮންމެ ހަށިގަނޑަކަށް އެންމެ އައުލާކަން ބޮޑީ ނަރަކައިގެ އަލިފާން ކަމުގެ އިންޒާރު ނަބިއްޔާ ދެއްވާފައިވާއިރު، އިސްލާމްދީން ބާރުއަޅަނީ ޙަލާލު މަގުން މުދާ ހޯދުމަށް ކަމަށް ބުންޏެވެ. ތެދުވެރިކަމާ އެކު ކުރާ މަސައްކަތުން ލިބޭ އާމްދަނީއާއި، އަދާކުރާ ވަޒީފާގެ އުޖޫރައާއި، ހުއްދަ ވިޔަފާރީގެ އިތުރުން ހެޔޮ ހިތުން ދެވޭ ހަދިޔާއާއި ތަރިކަ މުދަލަކީ ޙަލާލު މުދަލުގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ.

ހަމައެއާއެކު، އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. ރިބާ ކެއުމާއި، ރިޝްވަތާއި، މަކަރާއި ޙީލަތް ހެދުމާއި، ވައްކަމާއި، ޖުވާކުޅުމާއި، ފޭރުމާއި އަމާނާތަށް ޚިޔާނާތްތެރިވުން ފަދަ ކަންކަމަކީ ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަންކަން ކަމަށާއި، މިއީ ހަމައެކަނި މާލީ ގޮތުން ހެދޭ ގޯހެއް ނޫން ކަމަށް ބުންޏެވެ. އެއީ އިލާހީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމަށާއި، ﷲގެ މުދާ ޙައްޤަކާ ނުލައި ނަހަމަ ގޮތުގައި ބޭނުންކުރާ މީހުންނަށް ޤިޔާމަތް ދުވަހު އޮތީ ނަރަކަ ކަމުގެ އިންޒާރު ޚުޠުބާގައި ދިނެވެ.

އަމާނާތެއްގެ ގޮތުގައި ދެއްވި މުދަލުގައި އަދާކުރަންޖެހޭ ޙައްޤުތަކަކާއި މަސްއޫލިއްޔަތުތަކެއް ވާކަން ބަޔާންކުރަމުން ޚުޠުބާގައި ބުނީ، އެންމެ ފުރަތަމަ އަދި އެންމެ އިސްކަންދޭންޖެހޭ ވާޖިބަކީ އަމިއްލަ އަހުލުވެރިންނަށް ކުރުން ކަމަށެވެ. އެއީ އަނބިދަރިންނާއި، މައިންބަފައިންނާއި ބަލަހައްޓަންޖެހޭ އެންމެހައި މީހުން ކަމަށާއި، މިއީ އިޖުތިމާޢީ ޒިންމާއަކަށް ވުރެ ބޮޑަށް ދީނީ މަތިވެރި ވާޖިބެއް ކަމަށް ބުންޏެވެ. އަދި ﷲގެ ޙަޟުރަތުގައި ދަރުމައާއި ޘަވާބު އެންމެ އިތުރުވެގެންވަނީ އަހުލުވެރިންނަށް ކުރާ ހޭދައިގައި ކަމަށާއި، އެއަށް ފަހު ގާތްތިމާގެ މީހުންނަށާއި، ފަޤީރުންނާއި މިސްކީނުންނާއި، ޔަތީމުން އަދި ދަތުރުވެރިންނަށް ހޭދަކުރަންޖެހޭ ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.