ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި، އެމަނިކުފާނުގެ ރަނިންމޭޓަކަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހަމަޖައްސަވާފައިވާ ކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ރަސްމީކޮށް އިއުލާނު ކުރައްވައިފިއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، 2028 ގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން އާޒިމް ވިދާޅުވީ، ފައިސަލްގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުންނަވަން ނިންމެވީ އެމްޑީޕީގެ ވެރިކަމެއްގައި ރައީސާއި ނައިބު ރައީސަކީ ވެސް އެ ޕާޓީގެ ބޭފުޅުންނަށް ވުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާތީ، ފައިސަލް ދެއްވި ދައުވަތު ގަބޫލުކުރައްވައިގެން ކަމަށެވެ.
ޕްރައިމަރީއަށް ނުކުންނަވަން ނިންމެވި ނިންމެވުމަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފުރިހަމަ ތާއީދާ އެކު ނިންމެވި ނިންމެވުމެއް ކަމަށް ފައިސަލް އަދި އާޒިމް ވެސް ފާހަގަކުރެއްވިއެވެ. ފައިސަލް ވިދާޅުވީ މިކަމުގައި ޕާޓީގެ އިސް ބޭފުޅުންނާއި އާންމު ރައްޔިތުންނާ ވެސް މަޝްވަރާކުރައްވާފައިވާ ކަމަށެވެ. މިއާއެކު ފައިސަލް ވެވަޑައިގެންފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރެއްވި ހަތަރުވަނަ ކެންޑިޑޭޓަށެވެ. މީގެކުރިން ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، ކުރީގެ ރައީސް އަބްދުﷲ ޝާހިދު އަދި މަޖިލިސް މެންބަރު އަހްމަދު ޝަމްހީދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.
Discussion 0
Moderated