ވެބްސައިޓްތަކާއި އޮންލައިން އެޕްލިކޭޝަންތައް ހިންގުމުގައި ބޭނުންކުރާ ޕީއެޗްޕީ (PHP) ޕްރޮގްރާމިންގ ލެންގުއޭޖުގެ ސެކިއުރިޓީ މައްސަލަތަކެއް ފެނުމާ ގުޅިގެން، ރައްކާތެރިކަމުގެ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީން އިލްތިމާސްކޮށްފިއެވެ.

"ޕީ.އެޗް.ޕީ 2 ޝެލް (PHP2Shell)" ގެ ނަމުން ނަންދެވިފައިވާ މި ވަލްނެރަބިލިޓީއަކީ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު މައްސަލައެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ސެކިއުރިޓީ ނުރައްކާތަކުގެ ސީރިއަސްކަން ދެނެގަތުމަށް ބޭނުންކުރާ ބައިނަލްއަގުވާމީ މިންގަނޑު ކަމުގައިވާ ކޮމަން ވަލްނަރަބިލިޓީ ސްކޯރިންގް ސިސްޓަމް (CVSS v4.0) އިން މި ވަލްނެރަބިލިޓީއަށް ވަނީ 9.2 ގެ ކްރިޓިކަލް ރޭޓިންގއެއް ދީފައެވެ.

ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ސެކިއުރިޓީ މައްސަލައިގެ ސަބަބުން ސާވަރުތަކަށް ހުއްދަނެތި ވަދެ، އެ ތަންތަނުގައި ކޯޑު ރަންކުރުމުގެ ފުރުސަތު ހަމަލާދޭ ފަރާތްތަކަށް ލިބިގެންދެއެވެ. އަދި އެއްވެސް ޔޫޒަރނޭމެއް ނުވަތަ ޕާސްވޯޑަކާ ނުލައި، ސީދާ ވެބްސައިޓްތަކުގެ ފުރިހަމަ ކޮންޓްރޯލް ހޯދުމުގެ ފުރުސަތު ސައިބަރ ހަމަލާދޭ ފަރާތްތަކަށް މިކަމުގެ ސަބަބުން ފަހިވެގެންދެއެވެ.

މި ނާޒުކު މައްސަލައިގެ ބޭނުންހިފައިގެން ހެކަރުން މިހާރު ވެސް ސައިބަރ ހަމަލާތަކެއް ދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ އިދާރާތަކުން ބުނެފައިވެއެވެ. އެހެންކަމުން، ވޯޑްޕްރެސް ފަދަ މަގުބޫލު ޕްލެޓްފޯމްތަކާއި ޕީއެޗްޕީ ބޭނުންކޮށްގެން ހިންގާ އެންމެހައި ސިސްޓަމްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވީ އެންމެ އަވަހަކަށް ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

Ad
ooredoo

މި ވަލްނެރަބިލިޓީގެ ސަބަބުން ސިސްޓަމްތަކުގައި ހުންނަ ސިއްރު މައުލޫމާތުތައް ހާމަވުމުގެ އިތުރުން، އޮންލައިންކޮށް ދެމުންދާ އެކި ޚިދުމަތްތައް މެދުކެނޑުމުގެ ފުރުސަތު ބޮޑެވެ. މިކަމާ ގުޅިގެން ސަރުކާރުގެ މުއައްސަސާތަކާއި، އެކި ވިޔަފާރިތަކުގެ އިތުރުން އަމިއްލަ ވެބްސައިޓްތައް ހިންގާ ފަރާތްތަކުން ވެސް އެއްވެސް ލަސްކުރުމެއް ނެތި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލާފައެވެ.

މީގެއިތުރުން، ސައިބަރ ހަމަލާއަކުން ސަލާމަތްވުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއެކު، އެއްވެސް ބާވަތެއްގެ ސައިބަރ ހަމަލާއަކަށް ޝައްކުކުރެވިއްޖެނަމަ ނުވަތަ ސިސްޓަމަކަށް ހުއްދަނެތި އެއްވެސް ފަރާތަކުން ވަދެފައިވާކަން ފާހަގަކުރެވިއްޖެނަމަ ވަގުތުން ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައިވެއެވެ. އެގޮތުން، އެފަދަ ހާލަތެއްގައި ވަގުތުން އެ ސިސްޓަމެއް ނެޓްވޯކުން ވަކިކޮށް، ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރަށް ލަސްނުކޮށް ރިޕޯޓްކުރުމަށް ވެސް ފުލުހުންނާއި ސައިބަރ ސެކިއުރިޓީ އެޖެންސީން ވަނީ އެދިފައެވެ.