މަޝްހޫރު ލިޔުންތެރިޔާ ސްޓީވަން ކިންގްގެ 1974 ވަނަ އަހަރުގެ ބިރުވެރި ވާހަކަ "ކެރީ" އަސްލަކަށް ބަލައިގެން އުފައްދާ އައު ޓީވީ ސީރީޒް ނެރުމުގެ ކުރިން، އޭގެ ކާސްޓިންގ އަދި ވާހަކައަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން ގިނަ ބައެއްގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
ކާމިޔާބު ބިރުވެރި ސީރީޒްތައް ކަމަށްވާ "ދަ ހޯންޓިން އޮފް ހިލް ހައުސް" އަދި "މިޑްނައިޓް މާސް" ގެ ޑައިރެކްޓަރު މައިކް ފްލެނަގަން ޕްރައިމް ވީޑިއޯއަށް ތައްޔާރުކުރާ އަށް އެޕިސޯޑުގެ މި ސީރީޒްގެ ޓްރެއިލާ އާއި ފޮޓޯތައް އާންމުކުރުމާ އެކު ފޭނުންގެ މެދުގައި ވަނީ ހިތްހަމަނުޖެހުން އުފެދިފަ އެވެ. މިގޮތުން، ސްކޫލް ކުދިންގެ ގޯނާތަކާ ކުރިމަތިލާ ކެރީ ވައިޓްގެ ކެރެކްޓަރަށް 22 އަހަރުގެ ކެނެޑާގެ ބަތަލާ ސަމާ އެޗް ހަވެލް ހަމަޖެއްސުމުން ފާޑުކިޔުން ބޮޑުވީ، ވާހަކައިގައި ސިފަކޮށްފައިވާ ގޮތާ މުޅިން ޚިލާފަށް އޭނާ ރީތި، ހިމަތޮޅި ކުއްޖެއްގެ ގޮތުގައި ދައްކުވައިދޭތީ އެވެ.
ކިންގްގެ ވާހަކައިގައި ކެރީ ސިފަކޮށްފައިވަނީ ބިޔަ، ހަށިގަނޑުގައި ބިހިތައް ގިނަ، އަދި އާންމުކޮށް މީހުން ރީތި ކަމަށް ނުދެކޭ، ވަރަށް ބޮޑަށް ރުޅިވެރިކަން އެކުލެވޭ ކުއްޖެއްގެ ގޮތުގަ އެވެ. ނަމަވެސް، ހޮލީވުޑުން މީގެ ކުރިން އުފެއްދި ފިލްމުތަކެކޭ އެއްފަދައިން މި ފަހަރު ވެސް ކެރީގެ ރޯލު ދީފައިވަނީ އާންމު މިންގަނޑުތަކުން ރީތި ބަތަލާއަކަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ވާހަކައިގައި ކެރީ އޭނާގެ ޚާއްސަ ބާރުތައް ބޭނުންކޮށްގެން ބަދަލުހިފަން އަމިއްލައަށް ބޭނުންވާ ގޮތް ދައްކައިދިން ނަމަވެސް، ސްކްރީނުގައި އޭނާ ދައްކުވައިދެނީ މައުސޫމު ކުއްޖެއްގެ ގޮތުގައި ކަމަށް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރެ އެވެ.
މި ފަހަރުގެ ސީރީޒް މި ޒަމާނަށް ފައްތައި، ސްކޫލް ކުދިންގެ ފުރައްސާރައިގެ ތެރެއަށް ސޯޝަލް މީޑިއާ ހިމަނާފައިވާއިރު، ކެރީގެ ފަސްމަންޒަރަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. ފިލްމީ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، ވާހަކަތައް އަސްލަކަށް ބަލައިގެން އުފައްދާ އުފެއްދުންތަކުގައި މާކެޓުގެ ޑިމާންޑަށާއި އޯޑިއަންސް ދަމައިގަތުމަށްޓަކައި ޕްރޮޑަކްޝަންތަކުން ކާސްޓިންގއަށް މިފަދަ ބަދަލުތައް ގެނައުމަކީ އާންމު ކަމެކެވެ. މި ސީރީޒް ޕްރައިމް ވީޑިއޯ މެދުވެރިކޮށް ސްޓްރީމްކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.
Discussion 0
Moderated