ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯއަކާ ގުޅިގެން، ބަޑި ހިފައިގެން ބަޔަކު އުޅުނު ކާރު ހޯދައި ސުވާލުކުރުމުން އެއީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މި ކަމާ ގުޅިގެން އިތުރަށް ބެލިބެލުމުން، ސޯޝަލް މީޑިއާގައި ދައުރުވި މި ވީޑިއޯއަކީ 2026 އޮކްޓޫބަރު 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ ކަމެއްގެ ވީޑިއޯއެއްކަން ދެނެގަނެވިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ވީޑިއޯއިން ފެންނަ ރަތްކުލައިގެ ކާރު ހޯދާފައިވަނީ ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނެވެ. އެގޮތުން އެ ކާރު ފެނިގެން ހުއްޓުވާފައިވަނީ ހުޅުމާލެ ރުއްގަނޑު ދޭއް ސަރަހައްދުންނެވެ.

ކާރު ހުއްޓުވުމަށްފަހު، އެވަގުތު ކާރު ދުއްވަން އިން ފަރާތާ ފުލުހުން ސުވާލުކުރުމުން އެއީ ކުއްޔަށް ދޫކުރާ ކާރެއްކަން ވަނީ އެނގިފައެވެ. އެހެންކަމުން އެ ކާރު ކުއްޔަށް ނެގި ފަރާތް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.

Ad
ooredoo

އެ މައްސަލައިގައި އިތުރަށް ބެލިބެލުމުން އެ ވީޑިއޯއިން ފެންނަ ބަޑިތަކަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ވަނީ ކަށަވަރުކުރެވިފައެވެ. އަދި އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. އަދި މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.