ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިންޑިއާގެ ޓެމިލްނާޑޫގެ 25 މަސްވެރިންނާއި އެ މީހުންގެ ތިން މަސްބޯޓު އަވަހަށް މިނިވަންކޮށްދިނުމަށް އެހީތެރިވެދެއްވުމަށް، އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރުގެ ކިބައިން ޓެމިލްނާޑޫގެ ޗީފް މިނިސްޓަރު ޖޯސެފް ވިޖޭ އެދިވަޑައިގެންފިއެވެ.

ބުރާސްފަތި ދުވަހު ޖައިޝަންކަރަށް ފޮނުއްވި ސިޓީއެއްގައި ވިޖޭ ވަނީ މި މައްސަލައިގެ ތެރެއަށް ޖައިޝަންކަރު އަމިއްލަފުޅަށް ވެދެވަޑައިގެން، ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން ދިވެހި ސަރުކާރާއެކު މަޝްވަރާކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ތޫތުކުޅި ޑިސްޓްރިކްޓަށް ނިސްބަތްވާ އެ މަސްވެރިން ވީހާވެސް އަވަހަކަށް އަދި ރައްކާތެރިކަމާއެކު އަނބުރާ ގައުމަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އިންޑިއާގެ މަރުކަޒީ ސަރުކާރުގެ ކިބައިން އޭނާ އެދިވަޑައިގެންނެވިއެވެ.

ޗީފް މިނިސްޓަރު ވިޖޭ ވިދާޅުވީ، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އެ މަސްވެރިންނާއި އިންޖީނު އެޅި ތިން މަސްބޯޓު ހިފެހެއްޓީ މިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެހެންކަމުން ހައްޔަރުކުރި ހުރިހާ މަސްވެރިން މިނިވަންކުރުމަށާއި ހިފެހެއްޓި ތިން ބޯޓު އަނބުރާ ހޯދުމަށް މަރުކަޒީ ސަރުކާރުގެ ބައިވެރިވުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން މި މައްސަލަ ދިވެހި ސަރުކާރާ އެކު ކުރިއަށް ގެންގޮސްދެއްވައި، މި މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވީއެންމެ އަވަހަކަށް ދޫކޮށްލުމަށާއި ރައްކާތެރިކަމާއެކު އެނބުރި އައުމުގެ މަގުފަހިކޮށްދެއްވުން އެދެން،" ވިޖޭގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

މީގެއިތުރުން ޖައިޝަންކަރު މިކަމުގެ ތެރެއަށް އަމިއްލަފުޅަށް ވެދެވަޑައިގަތުމަކީ، ހާލުގައި ޖެހިފައިވާ އާއިލާތަކަށާއި އެ ސަރަހައްދުގެ މަސްވެރި މުޖުތަމައަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް ވިޖޭ ވިދާޅުވިއެވެ.