އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ނުވަ މީހަކު ހައްޔަރުކޮށް، އެ މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ފޮނުވައިފިއެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނުން ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި މާލެއިން ފޮނުވި ހާއްސަ ޓީމުން މިހާރު އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ އެ ރަށުގައި ބަޔަކު ވެގެން 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ގޮތުގައެވެ.

ފުލުހުން ހާމަކުރި ގޮތުގައި އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން އެންމެ ފުރަތަމަ ހާމަކޮށްފައި ވަނީ އޮކްޓޫބަރު 21 ވަނަ ދުވަހުއެވެ.

Ad
ooredoo

ނަމަވެސް، އެ އަންހެން މީހާއަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ ވަރަކަށް، މި މައްސަލައިގެ ތެރެއިން އިތުރު ސީރިއަސް ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ތަހުގީގުގެ ތެރެއިން ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.